ވާހަކަ ލިޔުނީ: އާޢިޝަތް ރާނިޔާ
އިބްރާޙީމް
“ވިލާ ދައުރުކުރާފަދައިން އިންސާނާގެ ހަޔާތަކީ ވެސް ވަރަށް އަވަހަށް ބަދަލުވާ
އެއްޗެކެވެ. ތަޤްދީރަކީ ލިޔެވި ތައްޔާރުކުރެވިފައިވާ އެއްޗެކެވެ. ތިމާގެ އާއިލީ
މީހުންނާއި، ހަޔާތުގެ ބައިވެރިންނާއި އެކުވެރިންނަކީ ވެސް ހަމަ ތަޤްދީރުގައި
ލިޔެވި ހަމަޖެހިފައިވާ ކަންކަމެވެ. މި ދުނިޔޭގައި ވާހާއެއްޗަކީ ދޫކޮށް ދާނެ
އެއްޗެއްސެވެ. ފުރާނައާއި ތިމާގެ ހިޔަނިވެސް ތިމާ ދޫކޮށްފައިދާނެއެވެ.”
ދުވަސް ފެށިގެން ދިޔައީ ވަރަށް
ވެސް އުޖާލާކޮށެވެ. މަންމަގެ ލޮބުވެތި އަޑުން ފެށުނު އުފާވެރި ދުވަސް ނިންމާލީ
އެކުވެރިޔާއެވެ. 13 އަހަރުގެ އެކުވެރިޔާއެވެ.
“އަލްޔާ، އަލްޔާ، ނުހޭލާނަންތަ؟ ރިޔާސާ އަންނަންއުޅޭނެ މިހާރު. ގަޑިން 9.30
ވަނީ” އަހަރެންގެ ކޮޓަރިއަށް ވަދެ އެނދުކައިރީ ވެރިފައިހުރި ހެދުންތައް ނަގަމުން
މަންމަ ގޮވާލިއެވެ.
މަންމަގެ އަޑު އިވުމުން
އެނދުމަތީ އޮވެ އަހަރެން މޯޅިއަކަށް ދެމިލީމެވެ. އެނދާ ދިމާގައި ހުރި ކުޑަދޮރުން
އެޅިފައިވާ އަލިން މި ކޮޓަރިތެރެ ވަނީ އަލިކޮށްލާފައެވެ. ފާރުގައި ހާކާފައިވާ މަޑު
ދަނބު ކުލައަށް އަލި އެޅުމުން ހީވަނީ އޮފް އަރުވާފައި ހުރި ފާރެއް ހެންނެވެ.
ހެނދުނުގެ ކޮވެލި ގޮވާއަޑު ފަނޑުގޮތަކަށް އިވެމުން ދެއެވެ.
ދިގު ހެދުމުގައި ހުރި އަހަރެންގެ
މަންމަ ދާހެދުންތައް ހިފައިގެން ކޮޓަރިން ނިކުމެއްޖެއެވެ. މަންމަގެ ލޯބި އަޑުން ގޮވާލާއިރު
އިތުރު މިނެޓަކަށް ވެސް ނިދާކަށް ނޯވެވޭނެއެވެ. އުފަލުން ހުރެ އަހަރެން އެނދުން
ތެދުވެ ގައިދަމާލުމަށްފަހު ގައި ހިއްކާ ތުވާލި ހިފައިގެން އަވަހަށް ފާހާނާއަށް
ވަނީމެވެ. ހަމައެކަނި މަންމަ ގޮވާލީމައެއް ނޫނެވެ. މިއަދަކީ ވަރަށް ވެސް ޙާއްސަ
ދުވަހެކެވެ. އެއާރޕޯޓަށް ދާން ހަމަޖެހިފައި އޮތްދުވަހެވެ.
ފާހާނާއަށް ވަދެ އަހަރެން
ފުރަތަމަ ވެސް އިސްތަށިގަނޑު ވަކިން ތެންމާލީމެވެ. ގައިގައި އެއްވެސް ފެންތިއްކެއް
ޖެހިދާނެތީ ބިރުންނެވެ. ހެނދުނުގެ ފިނީގައި ފެންވެރުމަކީ އަހަރެން ވަރަށް
ފޫހިވާކަމެކެ. ގަޑިން ހެނދުނު 9.30 ވެއްޖެއެވެ. ބޮލުގައި ޝޭމްޕޫ ލައިނިމިގެން
ގަޔަށް ފެންފޮދެއް އަޅައިގެން އަހަރެން ފެންވަރައިލުން ނިންމާލީމެވެ. ފާހާނާއިން
ނުކުމެފައި އެންމެ ފުރަތަމަ ވެސް ހޯދީ އޭސީ ރިމޯޓެވެ. ފިނި ގަދަކަމުން ކޮޓަރި
ހީވަނީ ގަނޑުކުރާ އައިސަލިމާރީއެންހެންނެވެ.
އެނދުމަތީ ރޫޖެހިފައި އޮތް ބޯ
މުށިކުލައިގެ ފޮތިގަނޑު ނަގައި ޖެހިގެން އިން ގޮނޑި މައްޗަށް އެއްލާލީމެވެ. އަދި
އެނދުމަތީ ހުރި ބާލީސްތައް ނަގުމުން އޭ.ސީ ރިމޯރޓު ހޯދައިފީމެވެ. އެނދާއި ގޮދަޑީގެ
މެދަށް ވެއްޓިފައި އޮތް އޭސީ ރިމޯރޓު ނަގާފައި އޭސީ ނިއްވާލީމެވެ. ގައި
ހިއްކާލުމަށްފަހު އަލިމާރީގައި އިސްތިރި ކޮށްފައި ހުރި ހުދު އަތްކުރު ޓީ.ޝާރޓެއް
ނެގީމެވެ. އޭގައި ބޮޑު އަކުރުން އެކި ކުލައިން އިނގިރޭސިން ‘ނިއުޔޯކް’ ލިއެފައި
އޮތެވެ. އެ ޓީޝާރޓް އެނދުމަތީ ރީތިކޮށް ބާއްވާލާފައި ދެން ނެގީ މަޑު ނޫކުލައިގެ
ޖީންސް އެކެވެ..
އެނދުމަތީ ބޭއްވިފައިވާ ހުދު
ޓީޝާރޓާއެކު ޖީންސް ބާއްވާލުމަށްފަހު އަހަރެން ލީ ގަޔަށްދޫ ދިގު ރަތްކުލައިގެ
ހަރުވާޅެކެވެ. އަދި މަތިން އަތްދިގު ފިޔާތޮށިކުލައިގެ ގަޔަށްދޫ ޓީޝާރޓެއް
ވައްޓާލައިގެން ފާހާނާއަށް އެނބުރި ވަނީމެވެ. ރޭގައި ދަންވަރު ރިޔާސާއާ ފޯނުން
ވާހަކަ ދައްކަން އޮވެފައި އަހަންނަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ.
އެހެންކަމުން ފަތިސް ނަމާދަށް ނުހޭލެވުނެވެ. އަވަހަށް ވުޟޫކޮށްލައިގެން އައިސް
ފަތިސް ނަމާދު ކޮށްލައިގެން ސިޓިންގްރޫމަށް ނުކުމެލީމެވެ،
“ދަރިފުޅާ އާދޭ ސައިތައްޓެއް ބޯލަން.” އިސްތަށިގަނޑު ހިއްކަން ބޮލުގައި
އަޅާފައި އޮތް ތުވާލި ނަގަމުން ސިޓިންގްރޫމްއަށް ވަންތަނާ މަންމަ ގޮވާލިއެވެ. ދުވި
މީރު ވަސްތަކަުން ބަދިގެއަށް ވަދެވުނީ ބޭއިޙްތިޔާރުގައެވެ.
ކާމޭޒުމަތީ އެކި ވައްތަރުގެ
ކެއުން ތައްޔާރު ކޮށްފައި ހުއްޓެވެ. ކުޑަ ވަށިގަނޑެއް ތެރޭ ދޮންވެފައިވާ
ކެޔޮއަރިކާއި، ތިން އޮރެންޖާއި، ދެ ރަތް އާފަލު އޮތެވެ. އަދި ކައިރީ ހުރި
ތަށްޓެއްގައި ކުޑަ ޗޮކުލެޓު ދެ ކޭކު ފޮއްޗާއި ދެ ޕުޑިން ފޮތި ހުއްޓެވެ. ހީވަނީ
މީހަކު ދަހިކުރަން ސުފުރާމަތި ތައްޔާރުކޮށްފައި ހުރިހެންނެވެ.
ހޫނުކޮށް ޔޭޔޭ ކޮފީތަށްޓެއް
ގިރާލައިގެން ކާމޭޒު ދޮށުގައި ޖައްސާލިވަގުތެވެ. މަންމަ ބަދިގެއަށް ވަދެ ކުޑަ
ތައްޓަކަށް ކުޅި ބޯކިބަލަކާއި މަސްރޮއްޓެއްލިއެވެެ. އަދި އަހަންނާއި ތަށި
ކައިރިކޮށްލަމުން ބުންޏެވެ. “ހާދަ ލަހަކުން ތި ތައްޔާރުވަނީ؟ ރިޔާސާ ކޮބައިތޯ
ބެލިންތަ؟ އެއޮތް ގަޑިން 10.30ވެ ބޮޑުވީވިއްޔާ”
“އެ އޯކޭވާނެ. ރިޔާސާ ބަލާ ދެވުނީމަ ރަނގަޅުވާނެ.” ކުރިމަތީ ހުރި ތަށީގައި
އޮތް މަސް ރޮށި ނަގަމުން އަހަރެން ޖަވާބުގައި ބުނީމެވެ. ވަރަށް ހަމަޖެހިލައިގެން
އިނދެ ލަސްލަހުން ކޮފީ ތަށި ހުސްކޮށްލައިގެން ކާމޭޒު ދޮށުން ތެދުވީމެވެ.
ކޮޓަރިއަށް ދާން އުޅެފައި އެނބުރި އައިސް ބަދިގެއަށް ވަދެ ކޭކު ފޮއްޗެއް
ނަގައިގެން ހިނގައިގަތީމެވެ. ކުއްލިއަކަށް ހުއްޓުން އެރީ ދޮރުގެ ރަނގަބީލުގެ އަޑު
އިވިފައެވެ.
“މަންމާ! ކާކު މިހާ ހެނދުނު އަންނާނީ؟” ދޮރު ހުޅުވަން ދަމުން މަންމައަށް
ގޮވާފައި ވަރަށް ބާރަށް އަހަރެން އަހާލިމެވެ. ދޮރު ހުޅުވުމާއެކު “ސަޕްރައީސް” އޭ
ކިޔާފައިދޮރުމަތީ ހުރި ކުއްޖާ އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެން ހުރީ
ވާނުވާ ނޭނގިފައެވެ. ކޭކު ފޮތި ހިފައިގެން އަހަރެން ހުރީ އެކުއްޖާ ގައިގައި ބައްދާ
ވެސް ނުލެވިފައެވެ.
އަހަރެން ގަޔާއި ދުރުކޮށްލާފައި
އަތުގައި އޮތް ކޭކުފޮތި ނަގައި ކާލަމުން ރިޔާސާ ބުންޏެވެ. “ސަޕްރާސް. އައި އޭމް
ބެކް” އަހަރެން ވީ އުފަލުން ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ފަހަތުން
މަންމަ އައިސް އަހަރެންގެ ކޮނޑުމަތިން ބޯ ދިއްކޮށްލިއެވެ.
“ކޮބާ، ރިޔާސާ އާދެވިއްޖެ ދޯ. އަލްޔާ އަދިވެސް ރީތި ނުވެ އެހުރީ.” އެހެން
ބުނެފައި އަލްޔާ ގެނެސްފައި ހުރި އަތް ދަބަސްތައް ހިފައިގެން މަންމަ ގޭތެރެއަށް
ވަދެއްޖެއެވެ. ކަރުތެރޭ ތާށިވެފައި ހުރި އަޑު ނުކުތީ ދެނެވެ. “ކޮންއިރަކު އައީ؟
ހާދަ އަވަހަށް؟ ނުވެސް ބުނަމެންނު؟” ކުރަން ބޭނުުންވި ހުރިހާ ސުވާލުތަކެއް
ފައްޗަކަށް އަމުނާލީމެވެ.
“ތި ދޭބަލަ ރީތި ހެދުމެއްލައިގެން ރީތިވާން. ގަޑިން 11.30 ވަނީ ވިއްޔާ”
ގޭތެރެއަށް ވަންނަމުން ރިޔާސާ ބުންޏެވެ. އަހަރުން ދެ މީހުން ގޮސްވަނީ އަހަރެންގެ
ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އެންމެ ފުރަތަމަ ވެސް ރިޔާސާގެ އަމާޒު
ދިޔައީ އޭ.ސީ ރިމޯރޓަށެވެ. އޭ.ސީ 18 އަށް ލުމަށް ފަހު އަހަރެންގެ އެނދު މައްޗަށް
ފުންމައިގެން ވެއްޓުނެވެ. އަދި ފުން ނޭވާއެއް ބޭރުކޮށްލަމުން ބުންޏެވެ. “ހާދަ މަޑު
މަޑު އެނދެކޭ.. ސޯ ކޮމްފީ.”
ރިޔާސާ ލައިގެން ހުރީ ކަޅު
ކުލައިގެ އަތް ކުރު ޓީ.ޝާރޓެކެވެ. އޭގައި ބޮޑު އަކުރުން އެކި ކުލައިން ‘ނިއުޔޯރކް’
ލިޔެފައި އިނެވެ. އެ ޓީ.ޝާރޓަކީ އަހަރުން ކުޑައިރު ރިޔާސާ ނިއުޔޯކަށް ދަތުރު ދިޔަ
ފަހަރެއްގައި ގެނައި ދެ ޓި.ޝާރޓެވެ. އަހަންނަށް ހުދު އަދި ރިޔާސާއަށް ކަޅު
ޓީ.ޝާރޓެކެވެ. ގެނެއީ ‘ލާރޖް’ ސައިޒެވެ. 3 އަހަރަށްފަހު 13 އަހަރުގެ ދެ އެކުވެރިން
ދިމާވި ދުވަހު ލުމަށް ހަމަޖައްސާފައި އޮތީ މި ޓީ.ޝާރޓެވެ. އެއީ ރިޔާސާގެ
‘އައިޑިއާރ’ އެކެވެ.
“މަގޭ ހެދުުންތައް މަތީ ތިއޮތީ. ތެދުވޭ.” ރިޔާސާ ބުރަކަށި ދަށުން އަހަރެން
އިސްތިރި ކޮށްފައިހުރި ހެދުންތައް ނަގަން އޭނާ ގާތު ތެދުވަން ބުނީމެވެ. އަދި
ފަހާނާއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުތީމެވެ. އެއިރު އަހަރެންގެ ކޮޓަރި
އޮތި ވަރަށް ރީތި ކޮށްލާފައެވެ. ރިޔާސާއަކީ މުރާލި ކުއްޖެކެވެ. އަހަންނާއި
ޚިލާފަށް ރިޔާސާ ގޭގެ ހުރިހާ މަސައްކަތެއް ވެސް ކުރާނީ އޭނަ އެކަންޏެވެ.
އިސްތަށިގަނޑު ނިއުޅުވާލަމުން އެނދުމަތީ އަހަރެން ޖައްސާލީމެވެ.
“ކޮންތާކަށް ދާންއޮތީ މިއަދު؟ އެނީ ޕްލޭންސް؟” އެނދުމަތީ އޮތް ރިޔާސާގެ ފޯނު
ނަގަމުން އަހަރެން އަހާލީމެވެ. ރިޔާސާ އަނެއްކާވެސް ފޫހިގޮތަކަށް އެނދުމައްޗައް
ވެއްޓި ފުރޮޅެން ފެށިއެވެ. އަހަރެންގެ ގާތަށް އައި ނުލަފާ ހިންޏެކެވެ. ރިޔާސާ އަކީ
ސަކަ މިޖާޒެއްގެ ކުއްޖެކެވެ. ކިތަންމެ ގިނައިން ދަތުރު ކުރިޔަސް ފޮނި ކަމެއް
ނުދައްކާނެއެވެ. އެންމެނާ ވެސް ގުޅޭ އެކުވެރިއެކެވެ. “ހިންގާ ބޭރަށްދާން. މިއަދަށް
އެއްކޮށް. އަހަރެން ދެ ދުވަސް ފަހުން އަނެއްކާ ވެސް ފުރަން.” ކުއްލިއަކަށް ތެދުވެ
އެނދުމަތީ އިށީންނަމުން ރިޔާސާ ވާހަކަދެއްކިއެވެ.
“އެންމެ ރަނގަޅު. ހިނގާ ދަމާ” މިހެން ބުނެފައި އެނދުން ތެދުވެ މޫނުމަތީ
ކުޑަކޮށް ފުށްކޮޅެއް ޖަހާލައިގެން ކޮޓަރިން ދެ އެކުވެރިން ނުކުތީމެވެ. ފުރަތަމަ
ދިޔައީ ގޭދޮށު ފިހާރައަކަށެވެ. އެ ފިހާރައިން ކުޑަ ދެ ފެނފުޅިއާއި ބިސްކޯދު
ޕެކެޓެއް ގަނެގެން ނުކުމެފައި މަޑުކޮށްލީމެވެ. އަތުގައި އޮތް ފޯނު ނަގައި މެޕު
ޖައްސާލީމެވެ. އެއަށްފަހު، އަހަރުން ގަންނަން ބޭނުންވާ އެއްޗެހީގެ ނޯޓެއް ރިޔާސާ
ފޯނުގައި ތައްޔާރުކޮށްލީމެވެ. ދެން މިސްރާބު ޖެހީ ‘ޝޮޕިންގް’އަށެވެ.
ޖިންސާއި، ފައިވާނާއި، ހެދުމާއި
މޭކަޕް ސާމާނު ފަދަ އެއްޗިހި ގަނެ އަހަރުން ދެމީހުންގެ އަތްތައް ކޮތަޅުތަކުން
ފުރިއްޖެއެވެ. .އަންހެނުން ފިހާރަތަކަށް ދަންޏާ ވާނީ ގިނަފަހަރު މިހެންތާއެވެ. ދެ
ޒުވާނުންނެވެ. ފިނި ކޮށްލުމަށް އަހަރުން ދިޔައީ ކޮތަރު ޕާކަށެވެ. އެތާކައިރިން
ކުޑަ ފިހާރައަކުން ދެ އައިސްކްރީމް ގަނެގެންނެވެ. އަހަންނަށް ޗޮކުލެޓު
އައިސްކްރީމް އަދި ރިޔާސާއަށް ވެނީލާ އައިސްކްރީމެވެ.
ވަރުބަލި ފިލުވާލަން ކޮތަރު ޕާކު
ކައިރީ ހުންނަ ބޮޑު ގަހެއް ދޮށުގައި އަހަރުން ޖައްސާލީމެވެ. އެ ވަގުތުކޮޅުގައި
އަހަރުންގެ މާޒީ ހަނދާންކޮށްލީމެވެ. ކުޑައިރު އެކީ ކުޅެން އުޅުނު ހަނދާންތަކެވެ.
އެކުގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. އެކުގައި ހިއްސާކުރި ހިތާމައިގެ
ދުވަސްތަކެވެ. އަދި އުފާވެރި ދުވަސްތަކެވެ. އައިސްކްރީމް ހުސްކޮށްލުމަށްފަހު
އަހަރުން ދެ މީހުން ‘ސެލްފީ’ ނަގަން ފެށީމެވެ. އެކި ވައްތަރުގެ މަޖާ މޫނު
ހަދަމުނެވެ. އެއް ފޮޓޯ ވަރަށް ހާއްސަވެގެން ދިޔައެވެ. ޕާރކު ތެރެއިން ދިޔަ
ޓުއަރިސްޓެއްގެ އެހީގައި އަހަރެންގެ މިނީ ކެމެރާއިން ފޮޓޯއެއް ނެގީމެވެ. އެ
ކެމެރާއިން ވަގުތުން ފޮޓޯ ޕްރިންޓް ކޮށްލެވެއެވެ. އެއީ އަހަރެންނަށް އެންމެ ރީތިވި
ފޮޓޯއެވެ.
“ގެއަށް ދަމާ! މިހާރު އެއޮއް އިރުއޮއްސެނީ. މީ މެންދުރު ނުކުތް ބައެއް.
އަހަރެން ބަނޑުހައި ވެސް ވެއްޖެ.” ‘ޝޮޕިންގް ކޮތަޅުތަށް ހިފައިގެން ތެދުވަމުން
އަހަރެން ބުނީމެވެ. އެ ވަގުތު ރިޔާސާ ބައެއް ކޮތަޅުތައް ހިފައިގެން ހެމުން
ދުއްވައިގަތެވެ. އޭނަ ބުނިއަޑު އަހަންނަށް ވަރަށް ފަނޑުކޮށް އިވުނެވެ. “އަހަންނާއި
އަރާ ހަމަކުރޭ. އެހެންނޫނީ އަހަރެން ގެއްލޭނެ.”
ރިޔާސާ ވަކިހިސާބަކަށް ދުވެފައި
ގޮސް އަހަންނާ ދިމާއަށް އެނބުރުނެވެ. އަދި މަޑުމަޑުން ފަހަތަށް ދުވަމުން ދިޔައެވެ.
އިރުއޮއްސޭ ވަގުތަކީ މަގުތަކުގައި ކާރުބާރު ބޮޑުވާވަގުތެކެވެ. ރިޔާސާ މަޑުމަޑު
ދުވުމެއްގައި ގޮސް މަގުމައްޗަށް ނުކުމެވުންއިރު ވެސް ނޭނގެއެވެ. ކަނާތު ގޯޅިން
ބޮޑު ޕިކަޕެއް ނުކުމެގެން އަންނަތަން އަހަންނަށް ފެނުނެވެ. އަހަރެން ގޮވާ އަޑު
ހެޑްސެޓު ޖަހައިގެން ހުރި ރިޔާސާގެ ކަންފަތަކަށް ނުފޯރައެވެ. އަތުގެ އިޝާރާތުން
ވެސް ގޮވީމެވެ. ނަމަވެސް، އަހަރެން އަންގަން މަސައްކަތްކުރި އިންޒާރެއް
ރިޔާސާއަކަށް ނޭނގުނެވެ. އިރުކޮޅަކުން ފެނުނީ ރިޔާސާ ބިންމައްޗަށް ވެއްޓުނު
މަންޒަރެވެ.
އަހަރެންގެ އަތާ ފައި ފިނިވެގެން
ދިޔައެވެ. ކަޅިހުރީ އެ ބޮޑު ޕިކަޕާއި ދިމާއަށެވެ. ދެން ބިންމަތީ ހުރި ރިޔާސާގެ
ގިނަ ލެއަށެވެ. މީހުން އޮތީ މަގުމައްޗަށް ފުނިޖެހިފައެވެ. ނަމަވެސް އަހަރެން ހުރީ
ގުނޑިލަން ވެސް ނޭނގިފައެވެ. ގަބު އަރާފައެވެ. ފެނުނު މަންޒަރުން ހަތަރު އުދަރެސް
ފެނު ޖެހިފައެވެ. ކަރުނަތައްވަނީ ގަނޑުއަރާފައެވެ. ކުޑައިރުކޮޅަކުން
އެންބިއުލޭންސްގެ އަޑު ވަރަށް ދުރުން ފަނޑުކޮށް އިވެން ފެށިއެވެ. ބޮލަށް އެނބުރުން
އަރައިގަތެވެ.
އަހަންނަށް ހޭލެވުނު އިރު އޮތީ
ހޮސްޕިޓަލުގައެވެ. ކައިރީގައި މަންމަ ހުއްޓެވެ. މަންމައަށް ހުރީ ރޮވިފައެވެ. “ރިޔާސާ
ކޮބާ؟” އަހަންނަށް އެންމެ ފުރަތަމަ ވެސް ހޯދުނީ ރިޔާސާއެވެ. އެ ވަގުތު މަންމަ
އަހަރެންގެ އަތަށް ދިއްކޮށްލީ ކުޑަ ފޮޓޯ ގަނޑެކެވެ. އެއްވެސް ވާހަކައެއް
ނުބުނެއެވެ. އަހަރެން އެ ގަނޑުކޮޅު ނަގައި ބަލައިލީމެވެ. އެއީ އަހަންނާއި ރިޔާސާ
އެންމެ ފަހުން ނެގި ފޮޓޯއެވެ. އަހަންނަށް އެންމެ ރީތިވި ފޮޓޯއެވެ. ބެންޗެއް މަތީ
ދެ މީހުން ފައި މައްޗަށް ނަގައިގެން އޮއްވައި ނަގާފައިވާ ފޮޓޯއެކެވެ. ރިޔާސާ އޮތީ
ކަޅު ޓީ.ޝާރޓަކާއި ގަދަ ނޫކުލައިގެ ޖީންސެއްގައެވެ. އަހަރެން އޮތީ ހުދު ކުލައިގެ
ޓީ.ޝާރޓަކާއި މަޑު ނޫކުލައިގެ ޖީންސެއްގައެވެ. ދެ މީހުން ވެސް އޮތީ ކަކުލާއި
ހަމައަށްއަރާ ބްރައުން ކުލައިގެ ރަބަރު ބޫޓެއް ލައިގެންނެވެ. ދެ މީޙުންގެ ފަން
އިސްތަށިގަނޑު އޮތީ ތިރިއަށް ވައްޓާލާފައެވެ. ވަރަށް ވެސް ފުރިހަމަ ތަސްވީރެކެވެ.
ނަމަވެސް ހަނދާނުގައި އިތުރު
ސަފުހާއެއް ލިޔެފައި ވަކިވެ ދިޔައީތާއެވެ. ހަނދާނުން ނުފިލާނޭ ދުވަހަކަށް މި
ދުވަސް ތަޤްދީރުގައިވީ ލިޔެވިފައެވެ. 13 އަހަރުގެ އެކުވެރިޔާ އަހަރެންގެ ހަޔާތުން
ދުރުކުރީ ހަމަ އެ ތަޤްދީރެވެ. އެތައް މާޒީތަކެއް ދޫކޮށްފައެވެ. އެ ތަސްވީރުގައި
ބައްދާލައިގެން އިނދެ ރޮވުނެވެ. ކަރުން އަޑުނަގައި ރޮވުނެވެ.
No comments:
Post a Comment